އެމްއެންޔޫއިން ހިންގާ މީޑިއާ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ސަރުކާރުން ދައްކަނީ
ސަން
12 ނޮވެމްބަރު 2025 | ބުދަ | 4:00
މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ސަރުކާރުން ބައިވެރިވުމާ ގުޅޭ ގޮތުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާއި ޔޫތު މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. އަދި ނެޝަނަލް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ އާއިޝަތު ޝެހެނާޒު އާދަމެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ފަހުމުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވާސިޓީގެ މަސައްކަތްތައް ހަލުވިވެ، ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެ ފަހުމުނާމާގެ ދަށުން ޔުނިވާސިޓީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވާސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.