ޚިޔާނާތްތެރިވި މައްސަލަ ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބައްސާމްގެ ފަރާތުން ނެގި ދިފާއު ބަލައިނުގަތް
ސަން
12 ނޮވެމްބަރު 2025 | ބުދަ | 8:41
އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ބަހެއް ނެތި ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލަ ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި ދިފާއު ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.
ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ.
ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ އަނެއް މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.