އަގުހެޔޮކޮށް 3000 ފުލެޓު ދޭން، ބީއެމްއެލްއަށް ބިންތައް ދިނީ ހިލޭ
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 2:55
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން އަޅާ 3،000 ހައުސިން ޔުނިޓް ހެޔޮ އަގުގައި ދިނުމަށް، އެ މަޝްރޫއަށް ބިންތައް ދިނީ ހިލޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވަނީ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ.
އެ ކުންފުނިން 3،000 ހައުސިން ޔުނިޓު އެޅުމަށް ބިންތައް ދިނުމަށް، މިއަދު އެ ކުންފުންޏާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި 2،700 ޔުނިޓު އަޅާނެއެވެ.