ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހާމަނުކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 3:37
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ދުވަސް ކައިރިވަމުން އަންނައިރު އަދިވެސް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެންނާނެ ކަމަށް ބުނާ އިސްލާހުތައް ހާމަނުކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި އޮޅުވާލަން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، މަޝްވަރާކުރުމަށް އިއްޔެ އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އާ ބައްދަލުކޮށްފައި ކަމަށެވެ.
އެ ބަޔާނުގައި ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދައްކަވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވާތީ އެ ޕާޓީން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.