ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑުގައި ހުރީ ލިވަޕޫލުން މިއަހަރު ލީގު ކާމިޔާބުކޮށް ހޯދި ތަށީގެ ނަކަލެއް
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 9:08
މި މަހު ކުރީކޮޅު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް)ގައި ރާއްޖޭގެ ސްޓޭންޑުގައި ބަހައްޓާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށީގެ ނަކަލަށް ހޫނު ތަރުހީބެއް ލިބުނުކަމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހުން ހަވަނަ ދުވަހަށް ބޭއްވި ޑަބްލިއުޓީއެމްގެ މިއަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑުގައި ގާއިމްކުރި ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ފޭންޒޯނުގައި ބަހައްޓާފައި ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ 2024-2025ގެ ސީޒަން ކާމިޔާބުކޮށް ލިވަޕޫލުން ކާމިޔާބުކުރި ޓްރޮފީގެ ނަކަލެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، އެ ޓްރޮފީގެ ނަކަލާއެކު ފޮޓޯ ނެގުމަށް އެތައް ހާސް ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށް، ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ކައިރީ ތައްޓާއެކު ފޮޓޯ ނަގާފައިވާ ކަމަށާއި، ރާއްޖޭގެ ސްޓޭންޑުގެ ފުރިހަމަކަމާއި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުގު ލިވަޕޫލްގެ ފޭންޒޯންގެ ސަބަބުން އިތުރުވެފައިވާކަމުގެ ވާހަކަ ދެކެވިފައިވާ ކަމަށެވެ.