ޕާޓީން ވަކިވުމުން ގޮނޑިގެއްލޭނީ، ދާއިރާގެ ފެންނަނުފެންނަ ވޯޓަކުންކަމަށް ކަނޑައަޅަން ގާނޫނަށް އިސްލާހު ހުށަހަޅަނީ
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 9:09
ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީގައި މިހާރު އޮތް ނަމަވެސް، އެ ފަދަ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގައި، އެ ފަދައިން އަޣުލަބިއްޔަތު ލިބުމުން ކަމަށް ކަނޑައަޅަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުން ވަކިވާނެ އިތުރު ހާލަތްތައް ގާނޫނުއަސާސީއަށް އިތުރުކުރުމަށެވެ.
އެގޮތުން ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން މަޖިލީހުގެ މެންބަރަކު ވަކިވާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، އެ މެންބަރަކު ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.