ފުވައްމުލަކަށް ސާފު ފެން ލިބޭ ކަމަށް ބުނެ މައްސަލަ މަޖިލީހަށް ބަލައިނުގަތް
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 9:40
ކުއްލި މައްސަލަ ހުށަހަޅަން ޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށް ވިދާޅުވެ، ފުވައްމުލަކުން ސާފު ފެން ނުލިބުމުގެ ސަބަބުން އެ ސިޓީގެ އާންމު ދިރިއުޅުމަށް ދަތިވާތީ ކަމަށް ވިދާޅުވެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ފޮނުވާލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ކުއްލި މައްސަލައެއްގައި ހިމެނޭ ޝަރުތު ކަމަށްވާ، އެ ކުއްލި މައްސަލަ ވާން ޖެހޭނީ ހަގީގަތާ އެއްގޮތަށް ހުށަހެޅޭ މައްސަލައަކަށް ކަމަށެވެ.
"ސާދަ ނޮވެމްބަރު 2025ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ނޫސްބަޔާނުގައި، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކިއެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށާއި މި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް ވަނީ ބަޔާންކޮށްފަ،" ކުއްލި މައްސަލަ ބޭރުކުރި ސަބަބާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވިއެވެ.