ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ފެމިލީ ކޯޓުން ވެސް ހުކުމްކޮށްފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 1:46
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަރައިގަތް ކަމަށް ނިންމައި، އެމްޑީޕީ ހިންގަވާ ފަރާތުގެ ހައިސިއްޔަތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޒިންމާވާން ޖެހޭނެ ކަމަށް، ފެމިލީ ކޯޓުން ވެސް މިއަދު ހުކުމްކޮށްފިއެވެ.
މިދިޔަ މާޗް މަހުގެ 12، 13 އަދި 14ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި މަންދީ ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކައިފައެވެ. އެހެންވެ މި މައްސަލަ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ހުށަހަޅުއްވައިފައެވެ.
ފެމިލީ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އުމައިރަށް ގާނޫނުއަސާސީއިންނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ހައްގުތަކާއި، ކަރާމާތާއި ރައްކާތެރިކަން ނަގާލާފައިވާކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށްވެސް ކޯޓުގެ ހުކުމްގައިވެއެވެ.