ފުވައްމުލަކު މައްސަލައިގައި ޔާމީންގެ ފާޑުކިޔުން: ރާއްޖެތެރޭގައި ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަ!
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 1:12
ފުވައްމުލަކުގެ ރައްޔިތުންނަށް ސާފު ފެން ނުލިބޭ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެ، ސަރުކާރުން އެގޮތަށް އަމަލުކުރީ، ރަށްރަށުގައި ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަވުމުން ކަމަށް ތުހުމަތުކުރައްވައިފިއެވެ.
ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. އެ ސިޓީއަށް ފެން ފޯރުކޮށްދޭ ފެނަކައިން ފުރަތަމަ ބުނީ ލީކެއް އުޅޭތީ މައްސަލަ ހައްލުކުރުމަށް ފަހު، ހަމަ އެ ދުވަހު ފެން ފޯރުކޮށްދޭނެ ކަމަށެވެ.
އެހެންނަމަވެސް ފެނަކައިން ދެން ބުނީ، ފެނުގެ ނިޒާމަށް މަތީ ޑޯޒެއްގެ ކްލޮރިން އަޅާތީ ފެން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. އެއަށްފަހު އެ ސިޓީއަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހެވެ. އެހެންނަމަވެސް މިދިޔަ ހަފުތާ ބަންދު ތެރޭގައި ފުވައްމުލަކުގެ ބައެއް ރައްޔިތުންނާއި ކައުންސިލުން ވެސް ވަނީ ބައެއް ގެތަކަށް ލިބޭ ފެން ސާފު ނޫން ކަމަށް ބުނެފައެވެ.