ސާފު ފެން ނުލިބޭތީ ފެނަކައާ ދެކޮޅަށް ފުވައްމުލަކު ކައުންސިލުން ދައުވާ ކުރަނީ
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 11:56
ފުވައްމުލަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައިވީ ނަމަވެސް ބައެއް ގެތަކަށް ލިބޭ ފެން ސާފު ނޫން ކަމަށް ބުނެ، ފުވައްމުލަކު ސިޓީ ކައުންސިލުން، ފެނަކައާ ދެކޮޅަށް ދައުވާ ކުރުމަށް ތައްޔާރުވެއްޖެއެވެ.
ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާ ހޯމަ ދުވަހެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް އެރަށަށް ފެނުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ.
ފެނަކައިން ފުވައްމުލަކަށް އަލުން ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހުގައެވެ. އެ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމްއެފްޑީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެކި ސަރަހައްދުތަކުން ފެން ނަގައިގެން މީގެ ކުރިން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.