ކުރިން އެމްޕީއެލްގައި ބޮޑު ފައިދާ އެއް އޮތް، މިއަދު އެކައްޗެއް ވެސް ނެތް: ނާޒިމް
ސަން
18 ނޮވެމްބަރު 2025 | އަންގާރަ | 11:24
ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީކޮޅާ ހަމައަށް، އެމްޕީއެލްގައި ރަނގަޅު މިންވަރަކަށް ފައިސާ ހުރި ކަމަށާއި، ނަމަވެސް މިއަދު އެ ކުންފުނީގައި މާ ގިނަ ފައިސާއެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ބަޖެޓު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މައްސަލަތައް ހިނގަމުންދާ ގޮތާ މެދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްޕީއެލަކީ މީގެ ކުރިން މާލީ ސިއްހަތު ރަނގަޅު، ވަރުގަދަ ބޭންކް ބެލެންސެއް އޮތް ކުންފުންޏެއް ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ބޭންކް ބެލެންސްގައި ހުރި ފައިސާތައް ގާތްގަނޑަކަށް ހުސްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރި ތިން ޓަވަރު ބިނާކުރުމަށް ކުރި 600 މިލިއަން ރުފިޔާގެ ޚަރަދާއި، ތިލަފުށީގައި ބިން ހިއްކުމަށް 100 މިލިއަން ރުފިޔާ ޚަރަދުކުރުމުގެ ސަބަބުންނެވެ.