މައްސަލަތައް އަވަހަށް ނިންމުމުގެ ގާބިލްކަން ފަނޑިޔާރުންގެ ކިބައިގައި ހުރިތޯ ނާޒިމް ސުވާލު އުފައްދަވައިފި
ސަން
18 ނޮވެމްބަރު 2025 | އަންގާރަ | 12:02
މިހާރު ދިމާވާ މައްސަލައަކީ ކޯޓުތަކުގައި މައްސަލަތައް ނުހިނގުން ކަމަށާއި، މައްސަލަތައް އަވަހަށް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން އެބަ ތިބިތޯ ސުވާލު އުފެދޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ޓެކުހާ ބެހޭ އިދާރާ މީރާއިން ދެއްކި ވާހަކައިގައި އެ އިދާރާގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ގޮންޖެހުން ހުރިކަން އެ އިދާރާއިން ފާހަގަކުރި ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ މައްސަލަ ކޯޓުތަކުގައި ތާށިވެފައި އޮންނަ އޮތުން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ 808 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ، މި ސަރުކާރުން ޖުޑީޝަރީ މިނިވަންކޮށްދީފައިވާ ކަމަށެވެ. އަދި ގާނޫނުތަކަށް މިހާރު ގެންނަ އިސްލާހުތަކުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތާއި ފަނޑިޔާރުންގެ ފެންވަރު ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.