ޓެކްސީ ފްލީޓް ވާނީ ފެއިލް, އެންމެ ރަނގަޅު ވާނީ ޓެކްސީ މީޓަރު ތައާރަފުކުރުމުުން: އެސޯސިއޭޝަން
ސަން
19 ނޮވެމްބަރު 2025 | ބުދަ | 6:42
ސަރުކާރުން ތައާރަފު ކުރަން މަސައްކަތްކުރާ ޓެކްސީ ލައިންގެ ޚިދުމަތް ވާނީ ފެއިލް ކަމަށާއި، މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ޑްރައިވަރުންގެ މައްސަލަތަކަށް އެންމެ ރަނގަޅު ހައްލެއް ލިބޭނީ ޓެކްސީ މީޓަރުތައް ތައާރަފުކޮށްގެން ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން އިބްރާހީމް ނިޔާޒު ވިދާޅުވީ މި ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުން ބާކީކޮށްފައި ކަމަށެވެ. ޓެކްސީގެ ޚިދުމަތްތަކާ ގުޅޭގޮތުން ސަރުކާރުން ކުރާ މަސައްކަތުގައި ޑްރައިވަރުންނާ އެއްވެސް މަޝްވަރާކޮށްފައެއް ވެސް ކޮށްފައި ނުވާ ކަމަށާއި، އެކަންކަން ކުރިއަށް ގެންދަނީ ވަރަށް ސިއްރުކޮށްގެން ކަމަށް ނިޔާޒު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގައެވެ. ސަރުކާރު ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީ ފްލީޓެއް ތައާރަފު ކުރަން އުޅޭއިރު އެކަމުގެ ކަންބޮޑުވުން ޓެކްސީކުރާ ޑްރައިވަރުން ފާހަގަކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.