ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނާ އެއްގޮތަށް ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރާނެ: އުޝާމް
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:39
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނާ އެއްގޮތަށް ކުރިއަރުވައި އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް، ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުއާހަދާގެ ދަށުން 2022ވަނަ އަހަރު ރާއްޖޭން ހުށަހެޅި 13-15ވަނަ ޕީރިއޮޑިކް ރިޕޯޓު، އދ ގެ ނަސްލީ ތަފާތުކުރުން ނައްތާލުމާ ގުޅޭ ކޮމިޓީން ރިވިއުކުރުމަށް ޓަކައި މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރިވިއު ސެޝަންގައި ރާއްޖޭން ބައިވެރިވިއެވެ.
އެ ސެޝަންގައި ރާއްޖޭގެ ރިވިއު ފައްޓަވަމުން އުޝާމް ވިދާޅުވީ، އެ މުއާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަކީ ރާއްޖޭގެ ގާނޫނީ ޒިންމާއެއް ކަމަށާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ތަފާތުނުކުރުމުގެ އަސާސްތަކާ ގުޅިލާމެހިފައިވާ އުސޫލީ އިލްތިޒާމެއް ކަމަށެވެ.