އެއްވެ އުޅުން ހަނިކުރާ ގާނޫނު އުވާލަން ހުށަހެޅި ބިލު ބޭރުކޮށްލައިފި
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 2:29
އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިނުގަނެ، ބޭރުކޮށްލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެމްޑީޕީގެ ފަރާތުން މި މަހު ތިންވަނަ ދުވަހު މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.
އެކަމަކު، އެ ބިލު ބަލައިގަތުމާ މެދު ވޯޓަށް އެހުމުން ބިލާ އެއްކޮޅަށް ވޯޓުދެއްވީ އިދިކޮޅަށް ނިސްބަތްވާ 11 މެންބަރެކެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މެންބަރުން ދެކޮޅު ހެއްދެވުމާ އެކު، 48 މެންބަރުން ވަނީ ބިލު ބަލައިނުގަންނަން ވޯޓުދެއްވާފައެވެ.