ދޮގު ހަދާއިރު 'އަނގަޔަށް ކަމެއް ވާނަމަ'، އަންގައިން ބުނެވޭނެ އެމްޑީޕީ މެންބަރަކު ނެތް: ފަލާހް
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 11:07
ބޮޑެތި ދޮގުތައް ހަދާ ވަގުތު "އަނގަޔަށް ކަމެއް ވަންޏާ", ރައްޔިތުންގެ މަޖިލީހުގައި އަނގައިން ބަސް ބުނެވޭނެ އެއްވެސް މެންބަރަކު އިދިކޮޅު އެމްޑީޕީގެ ނުހުންނާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން 2024ވަނަ އަހަރުގެ ބަޖެޓަށް ބައެއް ބަދަލުތައް ގެނެސްދޭން ތަކުރާރުކޮށް އެދުނު ނަމަވެސް، ގެނެސްދޭން އެދުނު އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު އޭރު ފާސްކުރީ ކަމަށެވެ.
އެމްޑީޕީން އެކަން ކުރީ މި ސަރުކާރު އިނދަޖައްސާލުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ, ފަލާހު ވަނީ 2024ވަނަ އަހަރާއި 2025ވަނަ އަހަރުގެ ބަޖެޓުން މި ސަރުކާރުން ކަމެއް ނުކުރެވޭ ކަމަށް އެމްޑީޕީން ބުނަމުން ދިޔަ ނަމަވެސް، ސަރުކާރުން ކޮށްދިން ކަންކަން އެމްޑީޕީން ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.