އާސަންދަ ނިޒާމު އޮތީ ސަލާންޖަހަން ޖެހޭ ހާލަތުގައި ކަމަށް ގަބޫލެއް ނުކުރަން: ނާޒިމް
ސަން
26 ނޮވެމްބަރު 2025 | ބުދަ | 1:41
ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު އާސަންދަ އޮތީ ސަލާންޖަހަން ޖެހޭ ފަދަ ހާލަތެއްގައިކަން ގަބޫލުކުރަން ދަތި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އާސަންދައިގެ އެހީގައި ފަރުވާ ހޯދުމަށް ރައްޔިތުން ސަލާންޖަހަން ޖެހޭ ކަމަށް ވިދާޅުވެ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބުދެއްގައި ނާޒިމް ވިދާޅުވީ އެއީ ސަލާންޖަހަން ޖެހޭ ގޮތަށް އޮތް ނިޒާމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
އެންމެ ފުރަތަމަ ކަމަކަށް އެ ނިޒާމު އުފެއްދީ ވެސް ބޭސްފަރުވާއަށް ސަލާންޖަހަންޖެހޭ ގޮތަށް އޮތް އޮތުން ނައްތާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ދުނިޔޭގައި ވެސް އޮތް އެންމެ 'ޖެނެރަސް' ނުވަތަ ދީލަތު ސިއްހީ ނިޒާމު ކަމަށް ނާޒިމް ވިދާޅުވިއެވެ.