އެންސްޕާ ޑިޖިޓަލްކޮށް، ޚިދުމަތް ދިނުން ފަސޭހަވެ، ހަލުވި ކުރުމާ ދިމާލަށް
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 12:22
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޚިދުމަތްތައް ޑިޖިޓަލް ކުރަން ފަށާފައިވާއިރު މިކަމުގެ ސަބަބުން, ޚިދުމަތް ފޯރުކޮށް ދިނުމަށާއި އަދި އަވަހަށް ޚިދުމަތް ލިބުމަށް ވެސް މަގުފަހިވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިހާ ޒަމާން ވަންދެން, އެކި ސަރުކާރުތަކުން އެންސްޕާ ހިންގަމުން އައީ އެކަށީގެންވާ ސިސްޓަމެއް ނެތިއެވެ. ގިނަ ކަންކަން މެނުއަލްކޮށް ކުރާ އުސޫލުންނެވެ. އެހެންވެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަމަށް ގިނަ ވަގުތު ނަގައެވެ. އަދި މަދު މުވައްޒަފުންތަކަކާއެކު ކުރަން ޖެހޭ މަސައްކަތް ބުރަވެފައި, ގިނައެވެ.
ކުރިން ބައެއް ޚިދުމަތްތައް ހޯދުމަށް ފޯމުތައް ފުރައިގެން, ގިނަ އަދަދެއްގެ ޑޮކިއުމެންޓްތައް ހިފައިގެން މީހުން ޖެހެނީ އެންސްޕާއަށް ދާށެވެ. ނޫނީ މެއިލް މެދުވެރިކޮށް ފޮނުވާށެވެ. ނުވަތަ އެންސްޕާގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާށެވެ.