ފެރިދޫ ކައުންސިލް ރައީސް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެ، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފި
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:45
އއ. ފެރިދޫ ކައުންސިލް ރައީސް އިސްމާއީލް ޝާހުގެ މައްޗަށް، މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން އޭނާ މުސާރަ ނުލިބޭ ގޮތަށް މިއަދު ސަސްޕެންޑުކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ މައްސަލައެއް ޝާހާ ދެކޮޅަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ ޖޫން މަހުގެ 16ގައި ހުށަހަޅައިފައި އޮތް ކަމަށެވެ.
އެ މައްސަލައިގެ ހުކުމް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 21ގައި ކޮށްފައެވެ. އެ ހުކުމުގައި ވަނީ، ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާކަން އެ މައްސަލައިގެ ތެރެއިން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އަދި ފުރައްސާރަ ރައްދުވި މީހާއާ މެދު އެފަދަ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް ޓްރައިބިއުނަލުން އަންގައިފައިވެއެވެ.