"އުޖާލާ ކުރިމަގު"ގެ ނަމުގައި މަސްތުވާތަކެތިން ރައްކާތެރިވުމުގެ މިންގަނޑުތަކެއް ޖާނީ އެންޖީއޯއިން ނެރެފި
ސަން
28 ނޮވެމްބަރު 2025 | ހުކުރު | 9:14
ރާއްޖޭގައި އެންމެ ބޮޑުވެފައި އޮތް އިޖުތިމާއީ މައްސަލަ ކަމަށްވާ، މަސްތުވާތަކެތިން ރައްކާތެރިވުމުގެ މިންގަނޑުތަކެއް "އުޖާލާ ކުރިމަގު"ގެ ނަމުގައި ޖާނީ އެންޖީއޯއިން އިފްތިތާހުކޮށްފިއެވެ.
އެ ޖަމިއްޔާގެ ވިހި ވަނަ އަހަރީ ދުވަހު އިފްތިތާހުކުރި މިންގަނޑުތައް ހިމެނޭ މި އޮނިގަނޑަކީ، ރާއްޖޭގައި ސައިންސްގެ ހެކިތަކަށް ބިނާކޮށް މަސްތުވާތަކެތި ބޭނުންކުރުމުން ދިފާޢުވުމުގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ފަރުމާކުރެވިފައިވާ އޮނިގަނޑެކެވެ.
މަސްތުވާތަކެތިން ރައްކާތެރިވުމުގެ މިންގަނޑުތަކުން ދިވެހި މުޖުތަމަޢުގެ ޙާލަތްތަކާ ގުޅޭ ގޮތެއްގައި، ދިފާޢުވުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހުންނަންވާނެ ގޮތް ކަނޑައަޅައިދޭނެ ކަމަށް ޖާނީ އެންޖީއޯއިން ބުނެއެވެ. މި މިންގަނޑުތައް ބިނާކުރެވިފައިވަނީ ބައިނަލްއަޤުވާމީ އެންމެ ރަނގަޅު އުޞޫލުތަކުގެ މައްޗަށް ކަމަށާއި އެއީ ޤައުމުގެ ޚާއްޞަ އިޖުތިމާޢީ ސަގާފީ، އަދި މުޖުތަމަޢުގެ ޙަޤީޤަތްތަކަށް ފައްތާފައިވާ މިންގަނޑުތަކެއްކަން ޖަމިއްޔާއިން ފާހަގަކުރިއެވެ.