ޑިވެލޮޕްމަންޓް ބޭންކުތަކުގެ ވެރިން ބައިވެރިވާ މަތީފަންތީގެ ބައްދަލުވުމަކަށް ރައީސް އިނގިރޭސިވިލާތަށް
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 9:38
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ރަސްގެފާނު ޗާލްސް، ރައީސް މުޢިއްޒަށް ދައުވަތު ދެއްވީ، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދު ވެސް މަޝްވަރާކުރާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.