އައިޖީއެމްއެޗްގައި ސާމާނު ނެތިގެން ލޭގެ ޓެސްޓެއް ނުހެދުނު ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 10:36
ލޭގެ ޓެސްޓު ހަދަން ބޭނުންވާ ބައެއް ސާމާނު ނެތިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ލޭގެ ޓެސްޓެއް ނުހެދުނު ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލައިދިނުމަށް އެދި ހުށަހަޅައިފިއެވެ.
މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝާކިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައިވަނީ، އުމުރުން 18 އަހަރުގެ ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ކުއްޖަކު ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެކަން އައިޖީއެމްއެޗުން އަންގާފައިވާ ކަމަށެވެ.
ޝާކިރު ލިޔުއްވާފައިވާ ގޮތުގައި އެ 18އަހަރުގެ ކުއްޖާއަށް ޓެސްޓު ނުހެދޭނެކަން އައިޖީއެމްއެޗުން އެންގީ، އެ ކުއްޖާއަށް ބޭނުންވާ ފަރުވާއެއް ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދޭތޯ ޔަގީންކުރުމަށްފަހު، އެ ފަރުވާގެ ޓެސްޓު ހެދުމަށް ނަންބަރު ނަގައި، 200އަށް ވުރެ ގިނަ މީހުންގެ ކިޔޫއަކަށް ފަހު ލޭ ނަގަން ދިޔަ ވަގުތު ކަމަށެވެ.