ބަރުދަން ލުއިކުރަން އެހީވާ ބެރިއަޓްރިކް ސާޖަރީ އައިޖީއެމްއެޗްގައި ހަދަން ފަށައިފި
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 10:11
ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފިއެވެ.
ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ. މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމުކުރުމާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ، މި ޚިދުމަތް ގާއިމުވުމުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އޭގެ ތެރޭގައި، ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ ކަމަށެވެ.