މައިމުޅަވާ ދަރީންނަށް، މާމަ، ކާފަގެ ބަންޑާރަބިމުން ބައެއް ލިބޭ ގޮތް ހަދަން އިސްލާހެއް
ސަން
3 ޑިސެމްބަރު 2025 | ބުދަ | 10:14
ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތް ހެދުމަށް ބިމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. މި ގޮތް ދިމާވާނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓައި އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމެވެ. މައިމުޅަވުމޭ ކިޔަނީ މި ގޮތް ދިމާވުމުން އަންހެން ދަރީގެ ދަރީން، ކާފަ ނުވަތަ މާމަގެ މުދަލުން މަޙުރޫމު ވާތީއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، މައިމުޅަވުމުގެ ސަބަބުން އެ މަރުވާ އަންހެން މީހާގެ ދަރިންނަށް ބިމުން ނުލިބޭ ހާލަތްތައް ކުރިމަތިވަމުންދާތީ، މައިމުޅަވާ ކުދިންނަށް ބިމުން ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.