އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ޞާލިޙްގެ ފެކްޝަނުން ހުށަހެޅި ޣަފޫރަށް، ފައްޔާޒުގެ ތާއީދު
ސަން
3 ޑިސެމްބަރު 2025 | ބުދަ | 7:45
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރާ ފެކްޝަނުން ހުށަހަޅައިފައިވާ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއަށް ތާއިދުކުރައްވާ ކަމަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް, އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.
އެމްޑީޕީން ވަނީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރަކާ ވަގުތީގޮތުން ހަވާލުކުރަން ނިންމައިފައެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިއެވެ.