ފްރޭމްކޮށްގެން ޑުރަގު މައްސަލަތަކުގައި މަރުގެ އަދަބު ދީފާނެތީ ކުރީގެ އިސްލާމިކް މިނިސްޓަރުގެ ކަންބޮޑުވުން
ސަން
4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:10
ރާއްޖޭގައި އެއިރަކު އޮންނަ ބާރަކުން މަސްތުވާތަކެތި އެތެރެކުރުން ފަދަ މައްސަލަތަކުގައި މީހުން ފްރޭމްކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވެއެވެ.
އެ ކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިފަދަ ހައްސާސީ މައްސަލަތަކުގައި އެއިރަކު އޮންނަ ބާރަކުން މީހަކަށް ނުހައްގުގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ދުރުގައިވާ ކަމަކަށް ނުވެ ހިނގައިދާނެ ކަމަށެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ޤާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެ ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.