ޑުރަގު އެތެރެކުރާ މީހުންނަށް މި ސަރުކާރުން މަރުގެ އަދަބެއް ނުދޭނެ: އުމަރު
ސަން
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:18
މި ސަރުކާރުން ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭނެ ކަމަށާއި އެކަމަކު އަދަބު އިއުލާނުކުރުމުން ޑުރަގު އެތެރެކުރުން މަދުވާން ފަށާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
އުމަރު މިގޮތަށް ވިދާޅުވީ ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ މަރުގެ އަދަބު ދޭން ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރު ފާޅުކުރެއްވި ކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒިޔާދު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކުރުން ފަދަ މައްސަލަތަކުގެ އަދަބަކަށް, ދީނުގައި އޮތް ގޮތަކީ ކޮބައިކަން ފަތުވާ މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ. އަދި، މަސްތުވާތަކެތި އެތެރެ ކުރުމުގައި ޝަރުޢީ ގޮތުން ދެވޭނެ އަދަބުތައް ވަރަށް ފުޅާ މިންވަރެއްގައި ބަލަން ޖެހޭނެ ކަމަށް އޭނާ ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ.