ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނަން، އެ އިސްލާހު ހުށަހަޅާނަން: ރައީސް
ސަން
8 ޑިސެމްބަރު 2025 | ހޯމަ | 12:34
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލަވާލަން ވާނީ އެއްވެސް ސިޔާސީ މީހަކު އެ ކޮމިޝަންގައި ނުހިމެނޭ ގޮތަށް ކަމަށް ވިދާޅުވެ، ޖޭއެސްސީ އިސްލާހުކުރައްވާނެ ފަދަ މޭރުމަކުން މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އޭގެ ދެއަހަރު ފަހުން މިރޭ ރައީސް މުއިއްޒު، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮން 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށާއި، ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެއް ގެނެސްފައި ވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާ އޮތީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިނިވަންކޮށް ކަމަށާއި، އެއްވެސް ކޯޓަކަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.