އާބާދީ ކުޑަ ގޮއިދޫގައި 5 އަހަރުތެރޭ 9 މީހަކަށް ކެންސަރު: ދަނޑުތަކުގައި ބޭސް ބޭނުންކުރާ ގޮތް ބަލަން އެދިއްޖެ
ސަން
8 ޑިސެމްބަރު 2025 | ހޯމަ | 7:21
ނިސްބަތުން ކުޑަކުޑަ އާބާދީއެއް އޮތް ބ. ގޮއިދޫގައި ކެންސަރު ބަލި އާއްމުވާ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި 'ޝަހުލާ ވަޖީހު' ނަމަކަށް ކިޔާ ގޮއިދޫއަށް ނިސްބަތްވާ މީހަކު ވަނީ އެ ރަށުގައި ކަންބޮޑުވުން ބޮޑު ދެ މައްސަލައަކަށް ހައްލު ހޯދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށާއި، އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއަށް އެކަމާ ގުޅޭ ގޮތުން ސިޓީއެއް ފޮނުވައިފައެވެ.
އެ ސިޓީގައި ބުނެފައިވަނީ، ގާތްގަނޑަކަށް 500 މީހުން އުޅޭ ގޮއިދޫގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި، އޭގެ ތެރެއިން ވެސް ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި ގޮއިދޫއަކީ އާބާދީ މަދު ރަށެއް ނަމަވެސް ނިސްބަތުން ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރާ އަދި ދުފާ މީހުން ގިނަ ރަށެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.