ކައުންސިލް އިންތިޚާބަށް އިސްކަން ދޭން، އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވުން ފަސްކުރަން ނިންމައިފި
ސަން
8 ޑިސެމްބަރު 2025 | ހޯމަ | 10:26
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިސްކަން ދިނުމުގެ ގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހޮވުން، އެ އިންތިޚާބަށް ފަހު ބޭއްވުމަށް އެ ޕާޓީން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ޕާޓީއަށް ވަގުތީ ޗެއާޕާސަން ހޮވަން މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އެ މަގާމަށް ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އައްޔަންކޮށްފައެވެ. އެ މަގާމަށް މިރޭ ވާދަކުރެއްވީ ވެސް ހަމައެކަނި ޣަފޫރެވެ.
ގައުމީ މަޖިލީހުގެ ތެރެއިން، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދާއިމީ ޗެއާޕާސަން ހޮވުމަށް އިއުލާނުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އޭގެ ހަތް ދުވަސް ފަހުން، ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން ޗެއާޕާސަން އިންތިޚާބު ކުރިއަށް ދާނެ ތާވަލެއް އެކުލަވާލައިގެން ކުރިއަށް ގެންދަން އޭނާ ހުށަޅުއްވިއެވެ.