ސަރުކާރާއި ކުންފުނިތަކުގައި މަސްލަހަތު ފުށޫއެރުމާ ގުޅޭ އުސޫލު ހަދަން، އޭސީސީން ގައިޑްލައިނެއް ނެރެފި
ސަން
9 ޑިސެމްބަރު 2025 | އަންގާރަ | 7:29
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ފުށޫ އަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ އެހީއެއްގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ގައިޑްލައިނެއް މިއަދު ގައިޑްލައިނެއް ނެރެފިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޚާއްސަކޮށް މިއަދު ފާހަގަކުރާ، ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައި އޭސީސީން ބޭއްވި ރަސްމިއްޔާތުގައި އެ ގައިޑްލައިން ނެރެދެއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.
އެ ގައިޑްލައިންގައި ވަނީ، ދައުލަތުގެ އޮފީސްތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ގައިޑްލައިންގައި ހުށަހަޅާފައިވާ އިރުޝާދުތައް ތަންފީޒުކުރުމުގައި އެ އިދާރާ ނުވަތަ ކުންފުންޏެއްގެ މަސައްކަތަށް ރިޢާޔަތްކުރަންވާނެ ކަމަށެވެ. އަދި މުއައްސަސާގެ ހުރިހާ ގިންތިއެއްގެ މުވައްޒަފުން ހިމެނޭނެހެން އެ ސިޔާސަތުތައް ތަންފީޒުކުރަންވާނެ ކަމަށާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި ވެސް އެ ގައިޑްލައިންގެ ޢަލީގައި، މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ޢަމަލުކުރާނެ އުސޫލުތައް ގާއިމުކުރުމަކީ ތަރުހީބުދޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.