ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ހައިކޯޓުގެ ފަނޑިޔާރު، ނިޔާޒް ރިޓަޔާ ކުރައްވައިފި
ސަން
9 ޑިސެމްބަރު 2025 | އަންގާރަ | 9:08
ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު މިއަދު މަގާމުން ވަކިވެވަޑައިގެންފިއެވެ.
ހައި ކޯޓުން ބުނި ގޮތުގައި މިއަދަކީ ފަނޑިޔާރު ނިޔާޒު އެ ކޯޓުގައި މަސައްކަތް ކުރައްވާ އެންމެ ފަހު ދުވަހެވެ. ނިޔާޒުވަނީ އިއްޔެ އޮތް ބައެއް ޝަރީއަތްތަކުގައި ބައިވެރިވެވަޑައިގެން، ދެ މައްސަލައެއްގެ ހުކުމް ވެސް ކުރައްވާފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އޭގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.