ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އެޅުމުން ނުފުދޭ، އަމިއްލަ ފަރުދުންގެ ހިއްސާ މުހިންމު: ރައީސް
ސަން
9 ޑިސެމްބަރު 2025 | އަންގާރަ | 10:18
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ރާއްޖެ ސާބިތުވެ އޮތީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ގަައުމެއްގެ ގޮތުގައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، 2007 ވަނަ އަހަރު އދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ)ގައި ރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި މުޢާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.