ޚިދުމަތް ފަށާނެ ކަން އިއުލާން ކުރިތާ ނުވަ މަސް ފަހުން، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 11:26
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެކަން އިއުލާން ކުރިތާ ނުވަ މަސް ދުވަސްވީއިރު އެކަން ނުވެވަނިކޮށް, އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާން ކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން އިއުލާން ކުރިގޮތުގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށާނެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީން ވަނީ ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލައިފައެވެ. އޭގެފަހުން، މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށް ވިދާޅުވެފައެވެ.