ތިނަދޫގެ ދާއިރާތައް ކަނޑައަޅަން ވެސް "އޮޅުވާލި ލިސްޓް" ފޮނުވި ކަމަށް ބުނެ އީސީއަށް
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:34
ލޯކަލް ކައުންސިލް އިންތިޚާބަށް ތިނަދޫ ސިޓީ ކައުންސިލްގެ ދާއިރާތަށް ކަނޑައެޅީ، ތިނަދޫއަށް އޮޅުވާލައިގެން ސިޓީއެއްގެ ދަރަޖަ ވެސް ހޯދުމަށް ހުށަހެޅި އާބާދީގެ ލިސްޓަށް ބަލައިގެން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޝަކުވާ ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތިނަދޫ ސިޓީއަކަށް ހެއްދެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި, މިދިޔަ އަހަރުގެ އޮގަސްޓް 30 ގައެވެ. ފަހުން މި ސަރުކާރުން ވެސް ނިންމީ އެކަން އެގޮތަށް ބާއްވާށެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދަށް އެޑްރެސްކުރައްވައި ތިނަދޫގެ އާއްމު ރައްޔިތަކު ހުށަހެޅި އެ ސިޓީގައި އޭނާ ބުނެފައި ވަނީ ތިނަދޫ ސިޓީއަކަށް 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ހަދާފައި ވަނީ ތިނަދޫ ކައުންސިލުން މަކަރާއި ހީލަތުން އޮޅުވާލައިގެން ހަދާފައިވާ 10،150 މީހުންގެ ލިސްޓަކަށް ބަލައިގެން ކަމަށެވެ. އަދި އެފަދައިން ކަން ކޮށްފައި ވަނީ ރާއްޖޭގެ އާބާދީ ބަލަހައްޓަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެ އަދަދަށް ތިނަދޫގައި މީހުން ރަޖިސްޓްރީ ވެފައި ނުވާ ކަމަށާއި، ތިނަދޫގެ އާބާދީއަކީ 8،000 ހަމަނުވާ އާބާދީއެއް ކަމަށް ބުނެބުނެ އޮއްވައި ކަމަށް އެ ސިޓީގައި ފާހަގަކުރިއެވެ.