އިންނަމާދޫގައި ސޯލާ ހަރުކޮށްފި, އަހަރަކު 164،672 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 1:03
ރ. އިންނަމާދޫގައި ގާއިމުކުރި ޒަމާނީ ސޯލާ ޑީސަލް ބެޓެރީ ހައިބްރިޑް ސިސްޓަމާއި، ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއެކު އަހަރަކު 164،672 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންނަމާދޫގައި 350 ކިލޯވޮޓްގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ ހިމެނޭ، ޒަމާނީ ސޯލާ ޑީސަލް ބެޓެރީ ހައިބްރިޑް ސިސްޓަމަކާއި, 618 ކިލޯވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމަކީ 'އިންޓެލިޖެންޓް' ކޮންޓްރޯލަރެއްގެ އެހީގައި ޑީސަލް ޖަނަރޭޓަރާއި ސޯލާ ޕެނަލްތައް އެއްކޮށް, އޮފް-ގްރިޑް ލޮކޭޝަންތަކުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމެކެވެ. މިއީ އެންމެ ފުރަތަމަ ސޯލާ ހަކަތައަށް އިސްކަން ދީ، އޭގެ ފަހުން އޮޓޮމެޓިކުން ބެކަޕެއްގެ ގޮތުގައި ޖަނަރޭޓަރު ސްޓާޓްކޮށް، ތެލުގެ ޚަރަދު ކުޑަކޮށް، ކެނޑިނޭޅި ކަރަންޓު ފޯރުކޮށްދޭނެ ސިސްޓަމެކެވެ. އަދި މި ސިސްޓަމްތަކަކީ ދުރު ހިސާބުތަކަށާއި، އިންޑަސްޓްރިއަލް ސައިޓްތަކަށް ނުވަތަ ރަށްތަކަށް އެންމެ އެކަށޭނަ ސިސްޓަމްތަކެކެވެ.