ގައުމީ ސަލާމަތާ ގުޅުވައި، ޑިފެންސް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރު ޚަރަދު ސިއްރުކޮށްފި
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 12:29
ގައުމީ ސަލާމަތާ ގުޅުވާފައި، ޑިފެންސް މިނިސްޓްރީއަށް އައްޔަންކުރައްވާފައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ދަތުރުފަތުރުގެ ޚަރަދު އެ މިނިސްޓްރީން މިއަދު ސިއްރުކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން 'ސަން'އިން ފޮނުވި ރިކުއެސްޓްގެ ޖަވާބުގައި އެ މިނިސްޓްރީން ވަނީ ހޯދަން އެދުނު ގިނަ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ކަމަށް ބުނެ، އެ މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހަދާފައެވެ.
އެކަމަކު، ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރު ޚަރަދާއި، މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެޑްވައިޒަރުންގެ އަދަދާއި، ކޮންސަލްޓަންޓުންގެ މައުލޫމާތު ވެސް ހިމެނެއެވެ. އެއީ، އާންމު އުސޫލުން މީގެ ކުރީގައި އަބަދު ވެސް ހާމަކުރާ މައުލޫމާތެވެ.