ރުޅި އައިސްގެން ކުރާ ވަރީގެ މައްސަލައިގައި ޝަމީމް: ކޯޓުން ބޭރުން ވަރި ނުކުރެވޭ ގޮތް ގާނޫނުން ހަދަންޖެހޭ
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 5:57
ވަރީގެ ސަބަބުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި، ކޯޓުން ބޭރުން ވަރިކުރުމުގެ ބަދަލުގައި، ކައިވެންޏެކޭ އެއްގޮތަށް، ވަރިއަކީވެސް ކޯޓުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީކޮށްގެން ކުރެވޭ ކަމަކަށް ހެދުމަށް، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް މިއަދު ލަފާދެއްވައިފިއެވެ.
ވަރިއާ ބެހޭ ގޮތުން ފާއިތުވި ދުވަސްތަކުގައި ބަހުސެއް ފެށިފައިވަނީ، "ވަރިކުރީ" ރުޅިއައިސްގެން ކަމަށް ބުނެ، ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލައިގައި ފެމިލީ ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ނިންމި ގޮތުންނެވެ. އެ ކޯޓުގެ ނިންމުމުގައި ވަނީ، "ތިއިނީ ވަރިކޮށްފައި" ކަމަށް ފިރިހެން މީހާ ބުނީ، ދެމަފިރިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބޭއިޚްތިޔާރުގައި، ވަރިކުރުމުގެ ނިޔަތުގައި ނޫން ކަމަށް ފިރިހެން މީހާ ކޯޓުގައި ބުނި ކަމަށެވެ.
ނަމަވެސް ފިރިމީހާ ހުރީ އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ރުޅިއައިސްފައިނޫން ކަމަށް، އަންހެން މީހާ ބުނި ކަމަށްވެސް އެ ހުކުމުގައި ވެއެވެ.