މިނިސްޓަރާއެކު ބޮޑު ކަންނެލި މަސްވެރިންގެ ދިގު ބައްދަލުވުމެއް: "ޑިމާންޑުތަކަށް އުންމީދީ ޖަވާބުތައް ލިބުނު"
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 6:22
ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއެކު، މިއަދު ބޭއްވި ދިގު ބައްދަލުވުމުގައި ޑިމާންޑުތަކަށް އުންމީދީ ޖަވާބުތަކެއް ލިބުނު ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިއަދު ބުނެފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ، މިދިޔަ ބުދަ ދުވަހުން ފެށިގެން ބީކޭއެމްޔޫއިން އަންނަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެ މަސްވެރިން އަންނަނީ، ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އެއަށްފަހު، މިއަދު ޝިޔާމް ވަނީ ވެލާނާގޭގައި، ބޮޑު ކަންނެލީގެ 20 މަސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ފެށީ ހެނދުނު 11:00ހާއިރެވެ. އެއަށް ފަހު އެ ބައްދަލުވުން 13:40 ހާއިރު މެދުކަނޑާލުމަށް ފަހުގައި، 15:00ހާއިރު އަލުން ބައްދަލުވުން ފެށިއެވެ. އެ ބައްދަލުވުން ނިންމާލީ އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން 16:00 ހާއިރެވެ.