ދައުލަތަށް ބޮޑު ބުރައަކަށްވެފައިވާ ކުންފުނިތަކުގެ އޮޑިޓް ކުރުން ހަރުދަނާ ކުރަން ދޮޅު މަސް
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 1:23
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނައިރު، އެ ކުންފުނިތަކުގެ އޮޑިޓް ކުރުން ހަރުދަނާ ކުރުމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ދޮޅު މަހުގެ މުހުލަތެއް ދީފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕީސީބީން އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން އިރުޝާދު ދިންއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް 280 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެހެންވެ، އެ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމެންޓް ފަންކްޝަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުދަ ދުވަހު އެ ބޯޑުގެ ޖަލްސާއެއް ބާއްވައި ބައެއް ކަންކަން ނިންމައިފައިވާ ކަމަށެވެ.