ސްޓެލްކޯގެ މުވައްޒަފަކު ފިހިގެން ނިޔާވުން: އާއިލާއަށް ދޭ ބަދަލާއި ތަހުގީގުގެ ތަފުސީލު މަޖިލީހުން ހޯދަނީ
ސަން
17 ޑިސެމްބަރު 2025 | ބުދަ | 2:24
މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ސްޓެލްކޯގެ މުވައްޒަފަކު ފިހިގެން ނިޔާވި މައްސަލައާ ގުޅޭ ތަފުސީލުން ރައްޔިތުން މަޖިލީހުން ހޯދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަޙްމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.
އަޒްމީލްގެ ހަށިގަނޑު އިއްޔެ މާލެ ގެނެސް، ރޭ ވަނީ ޖަނާޒާ ބާއްވައިފައެވެ.