ސަން ސިޔާމް ގްރޫޕުގެ ފަރާތުން 3 ލައްކަ ޑޮލަރުގެ އެހީ ލަންކާއަށް ދީފި
ސަން
17 ޑިސެމްބަރު 2025 | ބުދަ | 5:43
މުޅި ސަން ސިޔާމް ގްރޫޕުގެ ފަރާތުން ޖުމްލަ 301،701 ޑޮލަރުގެ އެހީ އަވައްޓެރި ލަންކާއަށް މިއަދު ހަވާލުކޮށްފިއެވެ.
މިދިޔަ މަހުގެ މެދުތެރޭ ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. އެތައް ލައްކަ ބައެއްގެ ގެދޮރު ގެއްލި، އާންމު އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އިގްތިޞާދީ ގޮތުން ލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގުދުރަތީ މިފަދަ ކާރިސާއަކުން ލިބުނު ބޮޑު ގެއްލުމާއެކު ލަންކާ އޮތީ ދުނިޔޭގެ އެހީއަށް ބޭނުންވެފައެވެ.
އެއާއެކު ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދުގެ އިސްނެންގެވުމާއެކު، އެ މަނިކުފާނުގެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއްގައާއި، ކުންފުނިތަކުގައި ވަނީ ފައިސާގެ އެހީ އެއްކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސިޔާމްގެ އަމިއްލަ ނަންފުޅުގައި ދެ ލައްކަ ޑޮލަރުގެ އެހީ ދެއްވަން ނިންމަވައި، މިދިޔަ މަހު އޭގެ ތެރެއިން 75،000 ޑޮލަރު ވަނީ ހަވާލު ވެސް ކުރައްވައިފައެވެ.