ސިޔާމް ލަންކާއަށް ވެދެއްވި އެހީއަކީ އެއް ފަރުދަކު ދެއްވި އެންމެ ބޮޑު އެހީ: ސަފީރު

ސަން

17 ޑިސެމްބަރު 2025 | ބުދަ | 6:55

ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޓަކައި، ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދު ވެދެއްވި އެހީތެރިކަމަކީ ފަރުދަކު ވެދެއްވި އެންމެ ބޮޑު އެހީ ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދުގެ އިސްނެންގެވުމާއެކު، އެ މަނިކުފާނުގެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއްގައާއި، ކުންފުނިތަކުގައި ވަނީ ފައިސާގެ އެހީ އެއްކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސިޔާމްގެ އަމިއްލަ ނަންފުޅުގައި ދެ ލައްކަ ޑޮލަރުގެ އެހީ ދެއްވަން ނިންމަވައި، މިދިޔަ މަހު އޭގެ ތެރެއިން 75،000 ޑޮލަރު ވަނީ ހަވާލު ކުރައްވައިފައެވެ.

ސަން ސިޔާމް ކުންފުނީގެ މައި އޮފީހުގައި، ރިސޯޓުތަކާއި ކުންފުނިތަކުގެ އިސްވެރިން ހިމެނޭހެން މިއަދު އޮތް ޚާއްސަ ހަފުލާއެއްގައި ވަނީ އެ ރިސޯޓުތަކާއި ކުންފުނިތަކުގެ ފަރާތުން އެއްކުރި ޖުމްލަ އެހީ، ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރާ ހަވާލުކޮށްދެއްވައިފައެވެ. އެގޮތުން ރިސޯޓުތަކާއި ކުންފުނިތަކުގެ ފަރާތުން ޖުމުލަ 101،701 ޑޮލަރު ވަނީ ހަވާލުކޮށްފައެވެ. އަދި ސިޔާމްގެ ފަރާތްޕުޅުން ދެއްވާ ދެލައްކަ ޑޮލަރުގެ ތެރެއިން ބާކީކަމަށްވާ، 125،000 ޑޮލަރު ވެސް ރަސްމީކޮށް ހަދިޔާކުރައްވައިފައެވެ.

މައުޟޫޢުތަށް