ބިދޭސީންނަށް މަނާކުރި ވަޒީފާތަކުގެ ލިސްޓުން ބޭބީ ސިޓާސް އުނިކޮށްފި
ސަން
17 ޑިސެމްބަރު 2025 | ބުދަ | 8:48
ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައިވާ ލިސްޓުން ބޭބީ ސިޓާސް އުނިކޮށް، ރާާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު މިއަދު އިސްލާހުކޮށްފިއެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ގެޒެޓުގައި އާންމުކުރިއިރު ވަނީ ބޭބީ ސިޓާސް ހިމެނޭހެން ވަކި މުއްދަތަކަށްފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައެވެ. މި ލިސްޓުގައި ހިމަނާފައިވަނީ ބިދޭސީންނަށް ވަޒީފާ އަދާނުކުރެވޭނެ ދާއިރާތައް ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅި ދާއިރާތަކެކެވެ.
މި ލިސްޓުގައި ބޭބީ ސިޓާސް ހިމެނޭތީ، ވަރަށް ގިނަ އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. ސަބަބަކަށް ވަނީ ރާއްޖޭގައި ގިނަ ދެމަފިރިންނަކީ އާއިލާއާއި ވަކިން ދިރިއުޅޭ މީހުންނަށް ވުމެވެ. މިފަދަ ހާލަތުގައި ދެމީހުން ވަޒީފާ އަދާކުރާ ވަގުތުތަކުގައި ދަރިފުޅު ބަލަން ގެންނަން ޖެހެނީ ބޭބީ ސިޓާއެކެވެ. ނަމަވެސް މިއީ ދިވެހިން ވަޒީފާއެއްގެ ގޮތުގައި އާންމުކޮށް ކޮށް ނޫޅޭ މަސައްކަތަކަށްވުމުން، މި މަސައްކަތަށް ގިނައިން އެއްބަސްވަނީ ބިދޭސީންނެވެ. އެކަން ފާހަގަކޮށް ގިނަ އާންމުން ވަނީ ސަރުކާރުން ޝާއިއުކުރި ލިސްޓަށް ފާޑުކިޔާފައެވެ.