ބަދަލުދީފި ކަމަށް ބުނެ ދައުވާ ނަގާފައި އޮއްވާ އަނެއްކާވެސް އަލްހާންގެ މައްޗަށް ހުކުމެއް
ސަން
19 ޑިސެމްބަރު 2025 | ހުކުރު | 10:14
ޕޮންޒީ ސްކީމްގައި ގެއްލުނު ލިބުނު މީހުން ބަދަލުދީ ނިމިފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދައުލަތުން ނަގާފައިވަނިކޮށް، ބައި މިލިއަނެއްހާ ރުފިޔާ، ހަމަ އެ ސްކީމާ ގުޅިގެން ގެއްލުންވެފައިވާ ބަޔަކަށް ދޭން، އަލްހާންއާއި އޭނާގެ ދެކޮއްކޮ، އަދި ކިންގްސް ކެޕިޓަލްގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.
ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައި އެކަން އިއުލާން ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން އޭރު ބުނީ، އެ ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލުލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން އޮކްޓޫބަރު މަހު 30 ވަނަ ދުވަހު އާއްމުކޮށް އިއުލާންކޮށްފައިވެއެވެ.