ދިވެހި ބަހަކީ ޝަރަފުވެރި ބަހެއް، ދެކެން ބޭނުމީ ރާއްޖެ ޒިޔާރާތްކުރާ މީހުން ބަހުގެ ތާރީޚާ މެދު ސުވާލުކުރާނެ ދުވަހެއް: އަޝްރަފް
ސަން
20 ޑިސެމްބަރު 2025 | ހޮނިހިރު | 11:23
ދިވެހިބަހަކީ ފެންވަރާއި އިއްޒަތާއި ޝަރަފުވެރިކަމުގެ ސިފަތައް ހުރި ބަހެއް ކަމަށާއި، ދެކެވަޑައިގަންނަވަން ބޭނުންވަނީ ރާއްޖެއަށް ޒިޔާރަތްކުރާ މީހުން ދިވެހިބަހުގެ ތާރީޚާ މެދު ސުވާލުކުރާނެ ދުވަހެއް ކަމަށް، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހިބަހުގެ އެކެޑަމީން ހިންގި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، ރަށްރަށުގެ މަލަމަތީގައި ދިވެހިބަހުން އެ ރަށްރަށުގެ ނަންތައް ފަރުމާކުރެވިފައިވާ މަންޒަރު ފެންނަނަމަ އުފާ ވާނެ ކަމަށެވެ.
"[އަޅުގަނޑު ދެކެން ބޭނުންވަނީ] އެ ރަށަށް ޒިޔާރަތްކުރައްވާ ކޮންމެ ވިލާތު ބޭފުޅެއް ވިޔަސް، ބަބުރު ކަރައިގެ ބޭފުޅެއް ވިޔަސް، އަދި އޮސްޓްރޭލިއާގެ ބޭފުޅެއް ވިޔަސް، މިއީ ކީކޭހޭ ލިޔެވިފަ މި އޮތީ، މިއީ ހާދަހާ ފަރުމާވެރި އަކުރުތަކެކޭ، މީގެ ހިސްޓްރީއަކީ މީގެ ތާރީޚަކީ ކޮބައިހޭ ކިޔައި ސުވާލުކޮށް އެ ވާހަކަ ދައްކާލާނެ ދުވަހެއް،" އަޝްރަފް ވިދާޅުވިއެވެ.