ހިޔާ ފްލެޓުގަައި ތޫނު އެއްޗަކުން ހަމަލާދިނީ ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި: ފުލުހުން
ސަން
21 ޑިސެމްބަރު 2025 | އާދިއްތަ | 6:21
ހިޔާ ފުލެޓެއްގައި ތޫނު އެއްޗަކުން ހަމަލާ ދިން މީހާއަށް ހަމަލާދިނީ، ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ހިޔާ އަށް ވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލި ބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަލާގައި ޒަޚަމްވެފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފައިގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.