ދެ މަސް ފަހުން އެންޑީއޭގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖައްސައިފި
ސަން
22 ޑިސެމްބަރު 2025 | ހޯމަ | 10:04
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދެ މަހެއްހާ ދުވަސްފަހުން, ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު އެ މަގާމަށް އައްޔަންކޮށްފިއެވެ.
އެންޑީއޭއިން މިއަދު ކުރި ޕޯސްޓެއްގައިވަނީ އެ އެޖެންސީގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖެއްސުމާއެކު އޭނާއަށް މަރުހަބާ ކިޔައިފައެވެ. ސިއްދީގަކީ ގާނޫނީ ދާއިރާއަށް ޚާއްސަ ވަކީލެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ސަރުކާރުގައި އޭނާއަކީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް އޭނާ އިސްކޮށް އުޅުއްވަމުން އައީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގައެވެ.