ގިނަ ބޭސްތަކެއް އެއްގޮތަކަށް ވެސް ނުލިބޭ މައްސަލައިގައި އާސަންދައާއި އެސްޓީއޯ، މަޖިލީހަށް ހާޒިރުކުރަން އެދެފި
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 6:45
ރައްޔިތުންނަށް ލިބެން ޖެހޭ ގިނަ ބޭސްތަކެއް އެއްގޮތަކަށް ވެސް ނުލިބޭ މައްސަލަ ބެލުމަށްޓަކައި އާސަންދައާއި، އެސްޓީއޯގެ ކަމާ ބެހޭ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް މިއަދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ ފާހަގަކުރެއްވީ، ވޭތުވެދިޔަ އަހަރުން ފެށިގެން ޑޮކްޓަރުން ބޭސް ސިޓީގައި ހިމަނާ ބޭސް، އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބުމުގެ އިތުރުން، އެފަދަ ބޭސް އެސްޓީއޯއިން ގަންނަން ވެސް ނުލިބޭ މައްސަލަ އާއްމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ.
އެންމެ ކަންބޮޑުވާ ކަމަކަށް ވަނީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖެއިން ނުލިބޭ މައްސަލަ ކަމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭސް ނުލިބުން ކަމަށް ކުޑޫ ވިދާޅުވިއެވެ. ހަމައެއާއެކު ޑޮކްޓަރު ލިޔެދޭ ބޭހުގެ ޑޯޒް ހަމައަށް ނުލިބުމުގެ މައްސަލަ ވެސް މިހާރު އާއްމު ކަމަށް ކުޑޫ ވިދާޅުވިއެވެ.