ދެ އާޒިމަށް ވެސް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ ޝާހިދު: އެއީ ޕާޓީ ރައީސްގެ ހައިސިއްޔަތުން ކޮށްގެންވާނެ ކަމެއް ނޫން
ސަން
23 ޑިސެމްބަރު 2025 | އަންގާރަ | 9:35
އެމްޑީޕީގެ އެތެރޭގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައި އޮއްވައި، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ދެބޭފުޅުންގެ 'ކޯޅުން' މިހާރު އޮތީ ބޮޑުވެފައެވެ. ޕާޓީގެ އެތެރޭގައި ވެސް އެކަމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތީ އުފެދިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން އަލީ އާޒިމާ އެކުގައި މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ.
ކަން އެހެން އޮއްވައި ޕާޓީގެ ރައީސް ޝާހިދު ތާއިދުކުރައްވަނީ އަލީ އާޒިމަށް ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ. ނަމަވެސް ޝާހިދު މިރޭ ވަނީ އެކަން ދޮގު ކުރައްވައިފައެވެ.